ރާއްޖޭގެ ރަށްތައް ތަރައްޤީކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކޮށް ހެދުމުގެ ޤާނޫނީ ވާޖިބު އޮންނަ ފަރާތަކީ ދައުލަތެވެ. ނުވަތަ ސަރުކާރެވެ. ރަށްތަކުގެ އިދާރީ ހިނގުމާއި އަސާސީ ޚިދުމަތް ފޯރުކޮށްދޭން ލާޒިމް ކުރާ ފަރާތަކުން ވެސް ވަނީ ހަމަ ސަރުކާރެވެ. އެކަމަށްޓަކައި ދައުލަތުން ބަޖެޓް ކަނޑައެޅިފައިވެއެވެ. ތަފާތު މުޢައްސަސާތައް ރައްޔިތުންގެ ޚިދުމަތުގައި ތިބެއެވެ. މުސާރަދޭ މުވައްޒަފުން ތިބެއެވެ. އެއީ ރަށު ތަރައްގީގެ މުހިންމު ބައެކެވެ.
ރަށް ތަރައްޤީކޮށް ހޭލުންތެރިކަން ގެނެސްދޭ އަނެއް ބައްޔަކީ އެރަށެއްގައި ތަހުޒީބު ކުލަ ޖައްސައި އުޖާލާ އަދި ކާމިޔާބު ޖީލެއް އުފައްދާން މަސައްކަތް ކުރާ ޖަމްޢިއްޔާ ޖަމާއަތް ތަކެވެ. ރަށު ވަންތަ ރޫޙުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ބައްޔަކީ ނޮން ގަވަރމަންޓަލް އޯގަނައިޒޭޝަން (އެންޖީއޯ) ތަކެވެ.
ތާރީޚީ ނަޒަކުން ވިސްނައި ރަށްރަށުގެ މާޒީއަށް ދުރުމީ ހިނގާލާ އިރު އި އެ ރަށެއްގައި ތަރައްޤީ ތަހުޒީބު ސާލު ފެތުރިފައި އޮތް މިންވަރާއި ޖަމްޢިއްޔާ ތަކުގެ ދައުރާ އޮތް ގުޅުން ވަރަށް ބޮޑަށް ސާފުވެގެން ދެއެވެ. އަދި މި ޒަމާނުގައި އެންޖީއޯ ތަކުން އަދާކުރާ ރޯލުގައި ރަށަށް ނުވަތަ އެރަށެއްގެ މުޖުތަމަޢު އަށް އަންނަ ކުރިއެރުމާއި މެދު ހަމަބުއްދިން ވިސްނައި ފިކުރު ކޮއްފިނަމަ ކިތަންމެ ރަނގަޅަށްވެސް ސާބިތުވެއެވެ.
އެކި ޖަމްޢިއްޔާތައް ވުޖޫދަށް އަންނަނީ އެކި މަޤްޞަދުގައެވެ. އެއް ބަޔަކު ކުޅިވަރާ މުނިފޫހި ފިލުވުން ކުތިއެރުވުމަށެވެ. އަނެއް ބަޔަކު ތިމާވެށްޓާއި ދަނޑުވެރިކަން ތަރައްޤީ ކުރުމަށް އިސްކަން ދޭއިރު އަނެއްބައި ޖަމްޢިއްޔާތައް މަސްވެރިކަމާއި ކަނޑުފަޅު ހިމާޔަތް ކުރުމަށެވެ. އަދި އެހެން ޖަމްޢިއްޔާތައް ތަޢުލީމާއި ސިއްޙީ ދުޅަހެޔޮ ކަމަށް, އަނެއް ބަޔަކު ނުކުންނާނީ އިސްލާމް ދީން ނެގެހެއްޓުމާއި ދެމެހެއްޓުމާއި ފަރުދީ ރައްކާތެރިކަމާއި ޤާނޫނީ ޙިމާޔަތް ރައްޔިތުންނަށް ހޯދައި ދިނުމަށެވެ. މިހެން ގޮސް އެތައް އެތައް ކަމަކަށެވެ . ހުރިހާ ކަމެއްގެ ގައި ވެސް ވަނީ ތަރައްޤީ އެވެ. ތަހުޒީބީ ކުރިއެރުމެވެ . އެކި އެކި ދާއިރާ ތަކުން. މީހުން ބިނާ ކުރުމާއި ފަންނީ ޤާބިލު ކަން އަށަގަނުވައި މުޖުތަމަޢުގައި ޤައުމަށް ފައިދާ ހުރި ބަޔަކު އުފެއްދުމެވެ. ރީތި ނަލަ ވެއްޓެއް ތައްޔާރު ކުރުމެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ފެންނަނީ ސަރުކާރުން ކުރައްވާ ހޭދައަށްވުރެ ވަކި ކުޑަ ނޫން ހޭދަ ތަކާއި ރަށް ތަރައްޤީ ކުރަން ހިލޭސާބަހަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާ ތަކުގެ ދައުރެވެ. އެކި ގޮތްގޮތަށް ފަންޑް ހަދައިގެން ޢަމަލީ ގޮތުން ބައިވެރިވެ ކުރަމުންދާ މަންޒަރެވެ.
ރަށަށް “އަވަށު ވަނަ” ތަކުން ފެށިގެން ބައިނަލްއަޤްވާމީ ވަނަތައް” ހޯދައި ރަށުގެ ނަން ރޯޝަން ކުރާ ތަނެވެ.
މިދެންނެވި ކުރި އެރުމުގައި ވާ އެންމެ ބޮޑު ސިއްެަރަކީ ގުޅުމެވެ ރަށުގެ ވެރިންނާއި އޮންނަ ގުޅުމެވެ. ވެރިން ޖަމްޢިއްޔާ ތަކަށް ދޭ ފުރުޞަތެވެ. އެއް ޖަމްޢިއްޔާ އަނެއް ޖަމްޢިއްޔާ އާއި ދެމެދު އޮންނަ ގުޅުމެވެ. ކުރާ އިޙްތިރާމެވެ. ހަމަ އެހެންމެ ރަށު ތަރައްގީގެ ވިސްނުމާއި ޒަމާނަށް ފެތޭ ބުއްދީގައި އޮންނަ ވާދަވެރިކަމެވެ.
ކުރިން ވެސް ދެންނެވުން ފަދައިން ކޮންމެ ޖަމްޢިއްޔާ އެއް ވެސް ރަށަށް ކޮށްދެނީ ތަރައްޤީ އެވެ. ނަމަވެސް ޒާތީ ޙަސަދައާއި ނާ ތަހުޒީބީ ވިސްނުމުގެ ސަބަބުން ރަށަށް ލިބޭ ކުރިއެރުން ބޮޑުތަނުން ދައްވެ މުޖުތަމަޢު ބައިބައިވެދާ ޙާލަތު ކިތަންމެ ފަހަރަކުވެސް ތަޖުރިބާ ކުރިއަށް ޖެހިފައި އެބަހުއްޓެވެ. ހަމަ އެހެންމެ އެ ޙާލަތު ބަދަލުވެ އެކަތިގަނޑަކަށް ވުމުން ލިބުނު އަދި ލިބެމުންދާ ކާމިޔާބު ތާރީޚަށް ބިންވަޅު ނެގިފައިވެސް ހުރީ ފިކުރު ކޮއްފި ބަޔަކަށް ޢިބްރަތެއް ޙާސިލު ވާ މިންވަރަށެވެ.
އެއީ މިއަދު ރާއްޖޭގެ ގިނަ ރަށްރަށުގައި އޮތް އުސޫލެވެ. އެއީ ކާމިޔާބު އައްސޭރި އަށް ދަތުރު ކުރުމަށް އޮތް އެންމެ ރަނގަޅު މަގެވެ. ޖަމްޢިއްޔާތައް އެއް ޗޭނަކުން ގުޅުން އެއީ ރަށުގެ ތަރައްޤީއަށް ލިބޭނެ އެންމެ ބޮޑު ކުރިއެރުމެއް. އެއީ ތަހުޒީބު މުޖުތަމަޢުގައި ތަސައްރަފު ވެފައިވާ މީހުންގެ އުސޫލެވެ.