ރާއްޖޭގައި ތިބި އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ އިންޑިޔާ ސަފީރު ސަންޖޭ ސުދީރު ދިރިއުޅުއްވާ ގެކޮޅު ކައިރީގައި މުޒާހަރާކޮށްފިއެވެ.
ރާއްޖޭގައި ދިރިއުޅުއްވާ އިންޑިޔާގެ ސަފީރުގެ ގެކޮޅު ކައިރީ ރޭ އިދިކޮޅުން ވަނީ މުޒާހަރާކޮށް އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށް ވަނީ ގޮވާލާފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށްވެސް ވަނީ ގޮވާލާފައެވެ.
ސަންޖޭ ސުދީރު ދިރިއުޅުއްވާ ހުޅުމާލޭގެ ފްލެޓް ކައިރީގައި ކުރި މުޒާހަރާ ރޫޅާލަން ފުލުހުން ވަނީ މަސައްކަތްކޮށްފައެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ބަޔަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އިންޑިޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުތައް ދުއްވުމަށް އިންޑިޔާ ސިފައިން އައްޑޫ ސިޓީ، އަދި ލ.ކައްދޫ ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން އިންޑިޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ޑޮނިއާ ފްލައިޓް ދުއްވުމަށް ބުނެ ހދ.ހަނިމާދޫގައިވެސް އިންޑިޔާ ސިފައިން އެބަތިއްބެވެ. އަދި މާލެ ކައިރީ އޮންނަ އުތުރު ތިލަފަޅުގައި އިންޑިއާގެ “ޓެކްނިކަލް މީހުން” ތިބެވޭ ގޮތައް ދިވެހި ސަރުކާރުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މިކަމާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީން ދަނީ ފާޅުގައި ނުރުހުން ފާޅުކުރަމުންނެވެ. އެހެންނަމަވެސް ސަރުކާރުން މިކަމަށް އެއްވެސް ފިޔަވަޅެއް ނާޅާތީ އިދިކޮޅުން ވަނީ ރޭ މުޒާހަރާކޮށް ރައީސް ސޯލިހުގެ އިސްތިއުފާއަށް ގޮވާފައެވެ.