ޚަބަރު
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓްގެ މުއްދަތު އިތުރުކޮށްފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ޔެލޯ އެލާޓުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، ވައިގަދަވެ ކަނޑުގަދަވާނެ ކަމަށް ލަފާކޮށް ކުރިއަށް އޮތް ހަތަރު ގަޑިއިރަށް ޔެލޯ އެލާޓުގެ މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ. އަދި ދަތުރު ފަތުރުކުރާ އެންމެހާ ފަރާތްތަކުން ސަލާމަތީ ކަންތަކަށް ސަމާލުކަންދީގެން ދަތުރު ކުރުމަށްވެސް މޫސުމާ ބެހޭ އިދާރާއިން ވަނީ ލަފާދީފައެވެ.

އެގޮތުން ގަޑިއަކު 28 މޭލާއި 35 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާބެހޭ އިދާރާއިން ވަނީ ބުނެފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 3 ފަހަރަށް މުޅި ރާއްޖެ ހިމެނޭހެން ޔެލޯ އެލާޓް ނެރެފައިވާއިރު، ވައިގަދަވެ ކަނޑުގަދަވުމުގެ ސަބަބުން ބައެއް ރަށްތަކަށް އުދަ އަރައި ގެއްލުތަކެއް ލިބެމުންދާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

 

Comment