ޚަބަރު
ރެވެނިޔު ސްޓޭމްޕް އުނދަގުލުން ދިވެހިން ސަލާމަތް ވެއްޖެ

އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 70/4ޖ.) އުވާލުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

ރައީސް ޞާލިޙް މި ބިލް މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން، ރާއްޖޭގައި ރަސްމީ ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު މިވަނީ އުވާލެވިފައެވެ. ރެވެނިއު ސްޓެމްޕު ޖެހުން ހުއްޓާލުމަށް ބިލު ހުށައެޅުއްވި މަޤްޞަދެއްކަމަށް ބިލުގައި ބަޔާންކޮށްފައިވަނީ، ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށްޓަކައި ހިނގާ ޚަރަދާ އަޅާބަލާއިރު ލިބޭ އާމްދަނީއަކީ އެކަށީގެންވާ އާމްދަނީއަަަކަށް ނުވުމެވެ.

މިއަދުން ފެށިގެން އުވާލި މި ގާނޫނަކީ، ރާއްޖޭގައި 1970 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އައި ގާނޫނެކެވެ. އެގޮތުން މި ގާނޫނަށް އަމަލު ކުރުން ހުއްޓާލުމަށް މަޖިލީހަށް ހުށައެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު ޢަލީ އާޒިމެވެ. މި ބިލު ދިރާސާކުރި ކޮމިޓީން ނިންމި ގޮތަށް މަޖިލީހުން ފާސްވީ އެދުވަހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް 45 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓުންނެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި ރެވެނިޔު ސްޓޭމްޕް ވިއްކައިގެން ދައުލަތަށް 17.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރު 3.9 މިލިއަން ރުފިޔާވަނީ ލިބިފައެވެ. އަދި މިއަހަރުވެސް 3.7 މިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.