ޒުވާނުންގެދުވަހު ފިޔޯރީގައި މުޅިން ތަފާތު ކުޅިވަރު ތަކެއް ކުރިޔަށް ގެންގޮސް އެ ދުވަހަކީ އީދެއް ފަދަ ދުވަހަކަށް ހެދުމަށް ގދ ފިޔޯރީ އިޖްތިމާޢީ މަރުކަޒާއި ކައުންސިލް ގުޅިގެން ތައްޔާރު ވާން ފަށައިފިއެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ފިޔޯރީ ރައީސް ފައިޒަރު ރަޝީދު މިއަދު ވިދާޅުވީ މިމަހުގެ 22 އަދި 23 ގައި ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް ވަރަށް ގިނަ ކުޅިވަރުތަކާ ރޭސްތައް ހިމަނާފައި ވާނެ ކަމަށާއި އޭގެ ތެރޭގައި އެންމެ ޚާއްޞަ ރޭހެއްގެ ގޮތުގައި ޒުވާނުންގެ މަސް ރޭސް ހިމެނޭ ކަމަށެވެ.
ޒުވާންނުންގެ ދުވަހާ ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ ކުޅިވަރުތަކުގެ ތެރެއިން ބިސް ރޭސް, ގޯނި ރޭސް, ކެނޯ ރޭސް, ރިލޭރޭސް, ވާދެމުން, މަސްރޭސް އަދި ފެތުމުގެ ރޭސް ހިމެނެއެވެ.
އަންހެނުންނާއި ފިރިހެނުން ހަމަހަމަ އުސޫލަކުން ބައިވެރިވެވޭ ގޮތަށް އެކުވެރިކަމާއެކު ކުރިޔަށް ގެންދިޔުމަށް ވާންޖެހޭ ތައްޔާރީތައް ވަރަށް ފޯރިޔާއެކު ކުރިޔަށްދާ ކަމުގައި އެރަށުގެ ޒުވާނުން ބުނެއެވެ.
މަސްރޭހުން ވަނަ ވަނައަށް ހޮވޭ ޓީމުތަކަށް އަގުބޮޑު އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެއެވެ. އަދި ހަރަކާތްތައް ނިންމާލުމަށް ހަމަޖެހިފައިވަނީ ބާބަކިއު އަކުންނެވެ.
ފިޔޯރީގައި ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގައި ބައިވެރިވުމަށް މިހާރުވަނީ ފުރުޞަތު ހުޅުވާލައިފައި އާންމުކޮށް އިޢުލާން ކޮއްފައެވެ.
މިއަހަރުގެ ޒުވާނުންގެ ދުވަސް ސަރުކާރުން ރަސްމީކޮށް ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީގައެވެ.
އަސްލު މިއީ ލާރިގަޑެއް ކާލެވޭތޯ ޖަހަން އުޅޭ ސަކަރާތެއް މިހެން ނުބުންނަސް ފިޔޯރީ މީހުންނަށް އެގޭނެ މަމީ ކާކުކަން ރުފިޔާއޭ ބުނެފިއްޔާ ނުކުރާކަށް ކަމެއް ނޯންނާނެ