ފެންޑާ
ތިއުޅެނީ ފިރިމީހާ ސިނގިރޭޓު ބުއިން ނުހުއްޓައިގެންތަ! މިކަންތައް ކޮށްލާ

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މިހާރު ވަރަށް އާންމުވެފައިވާ ކަމެކެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުގައި ފިރިހެނުންނެކޭ އެއްވަރަށް އަންހެނުންވެސް ހިމެނެއެވެ. ގިނައިން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާއި މަދުން ކުރާ މީހުންވެސް ހިމެނެއެވެ.

މިފަދަ މީހުންނާ އިނދެގެން އުޅޭ މީހުންގެ ޝަކުވާ ތަކަށް މި ލިޔުމުގައި ބަލާލާނަމެވެ. ހަމަ ބުނެބުނެ ވެސް ސިނގިރޭޓު ބުއިން ހުއްޓާނުލާ ވާހަކައެވެ. އާންމުކޮށް ދުންފަތުގެ އިސްތިއުމާލު ކުރާ ގިނަ ފިރިހެނުން އާންމުތަންތާނގައި ސިނގިރޭޓު ބުއިމުގެ ސަބަބުން އެކަމުގެ ސަބަބުން ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށްވެސް އެތަކެއް އުނދަގުލަކާ ކުރިމަތި ކުރުވައެވެ. ގޭތެރޭގައިވެސް ބޮނީއެވެ. ދަރިން ކުރިމަތީވެސް ބޮނީއެވެ. އަނބިންގެ އެންމެ ބޮޑު ޝަކުވާ އަކަށްވެފައި އޮންނަނީ ސިނގިރޭޓު ބުއިމުގެ ސަބަބުން ދުވާ ނުބައި ވަހުގެ ވާހަކައެވެ. ލާ ހެދުމުގައިވެސް އެވަހެވެ. މީހާ ގައިގަ ވެސް އެވަހެވެ. ވާނީވެސް އެހެންތާއެވެ. ސިނގިރޭޓު ބުއިމުގެ ސަބަބުން ދުވާ ނުބައި ވަހުގެ ސަބަބުން ގިނަ ފަހަރު ލޯބިކޮށްލާ ހިތްވެސް ނުވާނެއެވެ. އެމީހަކާ ކައިރިވާން އުނދަގޫ ފަހަރުވެސް އާދެއެވެ.

މިކަމަށް ހައްލެއް ހޯދުމަށް ކުރެވިދާނެ ކަންތައް

ކައިވެނީގެ ގޮށް ޖަހާލެވެނީ ދެމީހުންގެ ވެސް އެކަކު އަނެކަކު ނުރުހޭ ބައެއް ކަންތައްތައް ހުރެދާނެ ކަންވެސް އެނގިހުރެ ކަމަށްވުމުން، މިފަދަ ކަންތަކުގައިވެސް ތިމާ ހިތްހަމަ ނުޖެހޭނަމަ އެކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަންވާނެއެވެ. އެހެން ކަމުން ސިނގިރޭޓު ބުއިމަށް މެދުވެރިވާ ސަބަބުތައް ބަލާލުމަށްފަހު، ނުވަތަ އެންމެ ގިނައިން ސިނގިރޭޓު ބޮނީ ކޮން ވަގުތެއްގައިތޯ ބަލައި ހެދުމަށްފަހު، އެގަޑިތަކަށް ވިސްނައި އެކިއެކި ކަންކަމުގައި ފިރިމީހާ އެންގޭޖުކޮށް ބެހެއްޓުމަށް މަސައްކަތް ކުރާށެވެ. ގިނަ ކަންތައްތަކަކީ ކުއްލިއަކަށް ހުއްޓާނުލެވޭނެ ކަހަލަ ކަންތަކަށް ވުމުން އެކަމަށްވެސް ވަގުތު ދީގެން ފިރިމީހާއަށް އެހީތެރިވާށެެވެ.

ފިރިމީހާއާ ވާހަކަދައްކައިގެން ފިރިމީހާ ހުއްޓާލަން ބޭނުންނަމަ ހުއްޓާލާނެ ދުވަހެއް ކަނޑައަޅާށެެވެ. އެދުވަހަކަށް ހުއްޓާލުމަކީ ގަބޫލު ކުރެވޭނެ ކަމަކަށް ނުވެދާނެއެވެ. ސަބަބަކީ ގަދައަށް ސިނގިރޭޓު ބޯމީހަކަށް އެކަން ހުއްޓާލުމަކީ ފަސޭހަ ކަމަކަށް ނުވާނެތީއެވެ. ނަމަވެސް އެކަން ހާސިލުކުރުމަށް އެތައް ގޮތްތަކެއް ހުންނާނެއެވެ. ބޭނުންވަނީ ހިތްވަރެކެވެ.

އެކަން އަބަދުވެސް ހަދާން ބަހައްޓާށެވެ. ފިރިމީހާ ހުއްޓާލަން ބޭނުން ނުވާނަމަ އެކަމަށް މަޖުބޫރު ނުކުރާށެވެ. ގިނައިން ސިނގިރޭޓު ބޯމީހެއް ނަމަ ވަގުތު ދޭށެވެ. ސިނގިރޭޓު ބުއިން މަދުކުރުމަށް ހިތްވަރުދޭށެވެ. ގޭގައި ނުވަތަ ދަރިން ކުރިމަތީގައި އެއްގޮތަކަށްވެސް ސިނގިރޭޓު ބުއިމަކީ ރަނގަޅުކަމެއް ނޫންކަމަށް ވިސްނުވައިދޭށެވެ. އެނގިހުރެވެސް ހަށިގަނޑަށް ގެއްލުމެއް ދޭން އެއްވެސް މީހަކު ބޭނުން ނުވާނެއެވެ.

Comment

  1. ހުއްޓާލުން

    ހުއްޓާލުންގަޑު ކިހިނެއް