ޚަބަރު
ނަޑެއްލާ ސިއްޚީމަރުކަޒުގެ ލެބޯޓަރީ ޚިދުމަތް ފަށައިފި

ގދ ނަޑެއްލާގެ ސިއްޚީމަރުކަޒުގެ ލެބޯޓަރީ ޚިދުމަތް ފަށައިފިއެވެ.

ނަޑެއްލާ ސިއްޚީ މަރުކަޒުން މައުލޫމާތު ދެއްވި ގޮތުގައި، މިއަދު ހުޅުވިގެން ދިޔަ ލެބޯޓަރީ އިން ގިނަ ޓެސްޓް ތަކުގެ ނަތީއްޖާ ރަށުގައި ތިބެގެން ރައްޔިތުންނަށް ލިބި، ޑޮކްޓަރަށް ދެއްކުމުގައި އެތަކެއް ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ. އަދި ސިއްޚީމަރުކަޒުގެ ލެބޯޓަރީއިން ހެދެން ނެތް ޓެސްޓްތަކަށް ސާމަޕްލް ނަގައި ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފޮނުވައިގެން ޓެސްޓް ހެދުން ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ނަޑެއްލާ ގައި މިއަދު ޚިދުމަތްދޭން ފެށި ލެބޯޓަރީއިން ހެދެން ހުރި ޓެސްޓްތަކަކީ، ޕްރެގްނެންސީ ޓެސްޓް، ހަކުރު ޓެސްޓް، ލިވަރ ފަންކްޝަން ޓެސްޓް، ކިޑްނީ ފަންކްޝަން ޓެސްޓް، ލިޕިޑް ޕްރޮފައިލް ޓެސްޓް ގެ އިތުރުން ހިތުގެ ޓެސްޓް ތަކެވެ. އަދި އޭގެ އިތުރުން ކުއްލި ހާލަތުގައި ހަދަންޖެހޭ ޓެސްޓުތައް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ލަފާގެ މަތިން ހަދަމުންދާނެ ކަމަށްވެސް ނަޑެއްލާ ސިއްޚީ މަރުކަޒުން ބުންޏެވެ.

ނަޑެއްލާ ހެލްތު ސެންޓަރުގައި މިއަދު ލެބޯޓަރީ ހުޅުވިގެން ދިއުމުން މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވީ، ނަޑެއްލާގައި ކުދިކުދި ޓެސްޓް ހެދުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމާއި، އުފުލަން ޖެހޭ ބުރަ ކުޑަކުރުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި، އަދި މިއަދަކީ ވަރަށް ވެސް އުފާވެރި ދުވަހެއް ކަމަށެވެ.

“އަޅުގަނޑުމެންގެ ވަޢުދާއި އެއްގޮތަށް ނަޑެއްލާގައި ލެބޯޓަރީގެ ޚިދުމަތް ފެށިއްޖެ. މިކަމުގެ ސަބަބުން ނަޑެއްލާގެ ރައްޔިތުންނަށް އިހަށްވުރެ ފަސޭހަ ޚިދުމަތްތަކެއް ސިއްޙީ ދާއިރާއިން ލިބިގެންދާނެ. އަދި އާންމު ދިރިއުޅުމަށް އިތުރު ލުޔެެއް ލިބިގެންދާނެ. މިކަމަށްޓަކައި އަދުގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށާއި، ހެލްތު މިނިސްޓަރ އަޙުމަދު ނަސީމަށް އަޅުގަނޑުގެ އަމިއްލަ ނަމުގައާއި، ނަޑެއްލާގެ އެންމެހައި ރައްޔިތުންގެ ނަމުގައި ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.” މެމްބަރު ފިރުޝާން ވިދާޅުވިއެވެ.

Comment