ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ޖެހޭ އެއްވެސް ސަބަބެއް މިވަގުތު ނެތް ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.
މެންބަރު ސަނީފް ވިދާޅުވީ ނިޒާމު ބަދަލުކުރުމުގެ ކުރިން ރަނގަޅު ކުރަން ޖެހޭ އަދި ގައުމާއި ރައްޔިތުންނަށް ޓަަކައި ކުރަންޖެހޭ އެއަށް ވުރެ މާގިނަ މަސައްކަތްތައް އެބަހުރި ކަމަށެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށާއި ބޮޑުވަޒީރު ކަމަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން މެމްބަރ ސަނީފް ވިދާޅުވީ ނިޒާމު ބަދަލު ކުރުމުގެ ބަދަލުގައި ގާނޫނުތައް އިސްލާހުކޮށް ހަރުދަނާ ކުރުން މާ ރަނގަޅު ކަމަށާއި ގައުމުގެ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުން ރައްޔިތުންނާއި ގައުމަށް ވަފާތެރިވެ އިހުލާސްތެރިވެއްޖެ ނަމަ ނިޒާމު ރަނގަޅުވީކަމަށެވެ.