ޚަބަރު
ސަފާރީއެއް ސަލާމަތްކުރަން އުޅުމުގެ ތެރޭ ޒުވާން މަސްވެރިޔާގެ ފައި ބިނދިއްޖެ

ހުޅުމާލެ ކައިރިން އުރެންދިޔަ ސަފާރީއެއް ސަލާމަތްކުރަން އުޅުމުގެތެރޭގައި ޒުވާން މަސްވެރިޔާގެ ފައި ދެތަނުން ބިނދިއްޖެއެވެ.

ރޭހިނގާދިޔަ މިހާދިސާގައި ހަސަން ސާޖިންގެ ފައި ބިންދައިގެންދިޔައީ ހުޅުމާލޭގެ ދެވަނަ ފޭހާ ދިމާލުން ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގެ ނަގިލި ކަހާލައިގެން ގޮސް ތޮށިގަނޑަށް ލައްވާތީ، އެ ސަފާރީ ސަލާމަތްކުރަން ރޭ ދަންވަރު ކުރި މަސައްކަތުގެ ތެރޭގައި ވިއްސައިގެން ދިޔަ ވަލަކުން ޖެހިގެންނެވެ.

ސާޖިން ބުނާގޮތުގައި ރޭ ދަންވަރު 12 ޖަހަން އުޅުނުއިރު އެހީއަށް އެދި ބަޔަކު ގުޅިކަމަށާއި އެވަގުތު ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި ހުރި އެކިއެކި މަސްދޯނިފަހަރުގެ މީހުންނާ އޭނާ ވާހަކަ ދެއްކި ނަމަވެސް އޮޑިވެރިންގެ ހުއްދަ ނުހޯދައި ސަފާރީ ކަފުޖަހަން މަސްވެރިން އުޒުރުވެރިވި ކަމަށެވެ. އެންމެ ފަހުން އެންސިސްގެ ވެރިންނަށް ގުޅައިގެން އެންސިސްގެ ދޯންޏަކުން ސަފާރީ ކަފުޖަހައިގެން ގެންނަން އެއްބަސްވިކަމަށެވެ.

ސާޖިން ބުނާގޮތުގައި ސަފާރީ އެތަނުން ދުރަށް ލާން އުދަގޫތަކާ ދިމާވީ އެ ސަރަހައްދުގައި އަޅާފައި ހުރި އެހެން އުޅަނދުފަހަރުގެ ވާތައް، ސަފާރީގެ ބުރަފަތީގައި އޮޅިފައި ހުރުމުން ކަމަށާއި ވަރަށް ބުރަ މަސައްކަތުން އެވާތައް ކޮށާލާފައި އޭނަ އެސަފާރީ ސަލާމަތް ކުރިކަމަށެވެ.

ސާޖިންގެ ފައިގެ މަސްގަނޑު ފަޅައިގެން ގޮސް ކަށިގަނޑު ބޭރަށް ނުކުމެފައިވާތީ ހުޅުމާލެ ޓްރީޓޮޕް ހޮސްޕިޓަލްގައި މިވަގުތު ދަނީ ފަރުވާ ދެމުންނެވެ.

Comment