ޚަބަރު
ގދ. އަތޮޅު ކައުންސިލްގެ ރައީސް، ތިނަދޫ އެފްސީއެސްސީގެ އިސްވެރިޔާއާއި ބައްދަލުކުރައްވައިފި

ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ޤުދުރަތުﷲ، ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ތިނަދޫ ފެމެލީ ޗިލްޑްރަންސް ސާރިވިސް ސެންޓަރުގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަލްފާޟިލް އަލީ ޝާމް އާއި ބަދަލުކުރައްވައިފިއެވެ.

މިބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ، ގދ. އަތޮޅު ކައުންސިލް އިދާރާގައެވެ. މިބައްދަލުވުމުގައި މައިގަނޑުގޮތެއްގައި ދެކެވުނު ވާހަކައިގެ ތެރޭގައި، ތިނަދޫ އެފްއެސްސީ އިން ބަލަމުންދާ ކޭސްތަކުގެ ކޮންމެ މަހެއްގެ ރިޕޯޓް، އަތޮޅު ކައުންސިލް ހިމެނޭހެން އަތޮޅުގެ ހުރިހާ ކައުންސިލްތަކާއި ހިއްސާކުރުމާއި ގުޅޭގޮތުން ވާހަކަ ދެކެވިފައި ވެއެވެ.

އަތޮޅުގެ ރަށްތަކުން ޖެންޑާއަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން، ތިނަދޫ އެފްސީއެސްސީ އިން އަތޮޅުގެ ރަށްތަކަށް ދަތުރުކުރުމަށް ގެންގުޅޭ އުޞޫލުތަކާއި ގުޅޭގޮތުން އަތޮޅު ރައީސް، އޮޅުން ފިލުވުމުގެ އިތުރުން، އަތޮޅުގެ ރަށްތަކަށް ކުރެވޭ ރަސްމީ މިފަދަ ދަތުރުތަކުގައި އަތޮޅު ކައުންސިލްގެ ފަރާތުން ދެވިދާނެ އެހީތެރިކަމާއި ގުޅިގެން މަޝްވާރާކޮށް ޚިޔާލު ބަދަލުކުރެވިފައިވާކަމަށް ތިނަދޫ އެފްސީއެސްސީ އިން މަޢުލޫމާތު ދީފައިވެއެވެ.

ތިނަދޫ އެފްސީއެސްސީގައި ޤާއިމްކުރެވިފައިވާ އަމަން ހިޔާގައި ތިބި ކުދިންގެ ހާލު އަތޮޅުރައީސް ބެލުމުގެ އިތުރުން، އެކުދިންގެ ކިޔެވުމުގެ އިންތިޒާމްތަށް ހަމަޖެހިފައިވާގޮތުގެ މަޢުލޫމާތު އަތޮޅު ރައީސް އޮޅުން ފިލުއްވާފައިވާކަމަށް އެފްސީއެސްސީ އިން މަޢުލޫމާތު ދީފައިވެއެވެ.

ޖެންޑަރ މިނިސްޓްރީގެ މަސައްކަތްތައް، ރައްޔިތުންނަށް މާބޮޑަށް އެނގިފައި ނެތުމުން، ކުރިޔަށް އޮތްތަނުގައި ހިންގިދާނެ ތަފާތު ޕްރޮގްރާމްތަކާއި ގުޅޭގޮތުން މިބައްދަލުވުމުގައި ދެފަރާތުން ޚިޔާލު ބަދަލުކުރެވިފައި ވެއެވެ. އަންނަ އަހަރަށް ކޮންމެ ރަށުކައުންސިލަކަށް، ކައުންސިލް މުވައްޒަފެއްގެ ގޮތުގައި ކޭސް ވޯކަރއެއް ނެގުމަކީ، ތިނަދޫ އެފްސީއެސްސީ އިން ބަލަމުން އަންނަ ކޭސްތަކުގެ މަސައްކަތް އަވަސްވެ، ހަރުދާނާ ވެގެންދާނެކަމެއް ކަމުގައި ދެފަރާތުގެ މަޝްވަރާގައި ފާހަގަކުރެއްވިއެވެ. އަދި މިޚިޔާލު އަތޮޅު ކައުންސިލް ބައްދަލުވުމުގައި ހުށަހަޅައި މަޝްވަރާކުރުމަށް އެއްބަސްވެފައި ވެއެވެ.

މިބައްދަލުވުން ނިންމަވައިލައްވަމުން ދެފަރާތުން ފާހަގަ ކޮށްފައިވާގޮތުގައި، އަތޮޅު ކައުންސިލާއި ތިނަދޫ އެފްސީއެސްސީ ގުޅިގެން ކުރަމުންދާ މަސައްކަތް ހަރުދަނާވެ، މަސައްކަތަށް އިތުރު ލުއިތަކަކާއި ކުރިއެރުމެއް ލިބިގެންދާނެކަމުގެ ވަރަށްބޮޑު އުއްމީދެއް އޮތްކަމުގައި ދެފަރާތުން ފާހަގަކުރެއްވިއެވެ.

Comment