ޚަބަރު
300 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ތިނަދޫގައި ބާއްވާ އެންމެ ބޮޑު ދުވުން ޒުވާނުންގެ ދުވަހު ބާއްވަނީ

300 އަށް ވުރެ ގިނަ ދުވުންތެރިންނާއި އެކު ގދ.ތިނަދޫ ގައި ބާއްވާ އެންމެ ބޮޑު ދުވުން މިމަހުގެ 22 ވަނަ ދުވަހުގެ ހަވީރު ބާއްވަން ނިންމައިފިއެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް ތިނަދޫ ގެ ޖަމްޢިއްޔާ ތަކާއި ތިނަދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ އާއި ތިނަދޫ ކޮމިއުނިޓީ ސެންޓަރު ގުޅިގެން ތިނަދޫގައި ބާއްވާ ޚާއްޞަ ޙަރަކާތްތަކުގައި ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ޙަރަކާތް ކަމުގައިވާ މި ދުވުމަކީ ޒުވާނުންގެ މެދުގައި އެކުވެރިކަމުގެ ރޫޙު އާލާ ކުރުމާއި ރަށުގެ ހުރިހާ ޖަމްޢިއްޔާ ތަކާއި ކުދި ބޮޑު އެންމެހާ ރައްޔިތުންންކީ ރަށުގެ ތަރައްޤީ އާއި ކުރިއެރުމަށް ގުޅިގެން އެއް ޖޯޝެއް ގައި މަސައްކަތް ކުރާ ބަޔެއްކަމުގައި ހެދުމުގެ މަޤްޞަދުގައި ބާއްވާ ދުވުމެކެވެ.

ތިނަދޫގެ ޖަމްޢިއްޔާ ތަކުގެ ތެރޭގައި ހިމެނޭ ރައުހަތު ސްޕޯޓްސްއިން “ހުވަދޫ” އަށް މަޢުލޫމާތު ދެމުން ބުނިީ 22 ވަނަ ދުވަހު ހަވީރު ތިނަދޫ ސްޓޭޑިއަމް ސަރަހައްދުން ފަށާ މި ދުވުމަކީ މިހާތަނަށް ތިނަދޫ ގައި ބާއްވާ އަދި އެންމެ ގިނަ ބަޔަކު އެއް ރޭހެއްގައި ބައިވެރިވާ އެންމެ ބޮޑު ދުވުން ކަމަށެވެ. އަދި އެ ކުލަބުން ކަނޑައަޅަ ވަގުތުގެ ތެރޭގައި ރޭސް ނިންމާ ފަރާތްތަކަށް ޤައުމީ އެތްލެޓިކްސް މުބާރުތުގައި ބައިވެރިވުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ވެސް ރައުހަތު ސްޕޯޓްސް ކުލަބުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެކުލަބުން ބުނީ މި ދުވުމުގައި ތިނަދޫ ވަރަށް ގިނަ ބަޔަކު ބައިވެރިވާނެ ކަމަށާއި ޔަޤީނުންވެސް 300 އަށްވުރެ މަދު ނުވާނެ ކަމަށެވެ. އަދި ދުވުމަކީ 3 ކިލޯ މީޓަރާއި 1.5 ކިލޯ މީޓަރުގެ ގެ ދުވުމެއްކަމުން ފަސޭހަ ކަމާއެކު ބައިވެރިވެ ކާމިޔާބީއެއް ހޯދިދާނެ ކަމަށެވެ.

ޒުވާންނުންގެ ދުވަހުގެ ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ޚާއްސަ ކޮއްފައިވާ ޓީޝާޓް ދިނުމަށް ހަމަޖެހިފައިވަނީ ހިލޭ އެވެ. އެގޮތުން  ބޭނުން ކޮންމެ މުޢައްސަސާ އެއް އަދި ކޮންމެ ފަރުދަކަށްވެސް މި ދުވުމުގައި ބައިވެރިވުމަށް ވަނީ ފުރުސަތު އާއްމުކޮށް ހުޅުވާލާފައެވެ.

ތިނަދޫގައި މިއަހަރު ކުރިއަށް ގެންދިޔުމަށް ރޭވިފައިވާ ބައެއް ހަރަކާތްތަކުގެ ތެރޭގައި މަސް ރޭސް މުބާރާތް، ފެތުމުގެ މުބާރާތް، އަންހެނުންގެ ހޭންޑްބޯޅަ މެޗް, ފިރިހެނުންގެ ފުޓްސަލް މެޗް ، ލޭ ހަދިޔާ ކުރުން، އަދި މިއުޒިކް ޝޯވ ހިމެނެއެވެ.

މި އަހަރުގެ ޒުވާނުންގެ ދުވަސް ފާހަގަ ކުރުމަށް އެއް ޓީމެއްގެ ގޮތުގައި ބައިވެރިވާ ޖަމްޢިއްޔާ ތަކަކީ ހުވަދޫ ސްވިމިންގ ކްލަބް (އެޗްއެސްސީ), ހުވަދޫ ރެކްރިއޭޝަން (އެޗްއާރް), ހުވަދޫ އެސޯސިއޭޝަން ފޯރ ނޭޝަނަލް ޑިވެލޮޕަމަންޓް (ހޭންޑް), ހަވަރު ސްޕޯޓްސް ، ރައުހަތު ސްޕޯޓްސް ، ހުވަދޫ ބެޑްމިންޓަން ކްލަބް (އެޗްބީސީ) ، ތިނަދޫ އެސޯސިއޭޝަން ފޯރ ޔޫތު ޑިވެލޮޕަމަންޓް އެންޑް އެންޕަވަރމެންޓް (ޓޭޑް) ، ތިނަދޫ ޔޫތު ފުޓްބޯޅް ކްލަބް (ޓީވައި އެފްސީ) އަދި ސްޕޯޓްސް ކްލަބް ޔުނީކް (އެސްސީޔޫ) އާއި ސްކީމް- ތިނަދޫ ޗެޕްޓާރއެވެ. އަދި ޒުވާނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމުގެ ހަރަކާތް ތަކުގައި ސްކައުޓް އެސޯސިއޭޝަން ބައިވެރިވެ އެވެ.

ތިނަދޫ ގައި 7 ދުވަހުގެ މުއްދަތަށް ޒުވާނުންގެ ދުވަހާ ގުޅިގެން ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ. ތިނަދޫ ގައި ހިނގާ ހަރަކާތްތަކުގެ އޮފިޝަލް މީޑިއާ ތަކަކީ ހުވަދޫ، އޭއޯ ނިއުސް، އިވެންޓް ކާސްޓް، އަދި ގާފުއެވެ.

Comment