ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިސާދީ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން މިހާރު ކުރަމުންގެންދާ ބޭކާރު ޚަރަދުތައް ކުޑަކުރަންޖެހޭ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ.ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ.ޖަމީލް މިހެން ވިދާޅުވެފައިވަނީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. ފިނޭންސް މިނިސްޓަރ ވިދާޅުވި ގޮތުގައި އިންޑިއާގެ ޖީއެމްއާރު އަތުން ވެލާނާ އެއަރޕޯޓު އަތުލުމަކީ ރާއްޖޭގައި މިހާތަނަށް އިގުތިސާދީ ގޮތުން ހިންގި އެންމެ ބޮޑު ޖަރީމާ ކަމަށެވެ. މިވާހަކަ ފުޅަށް ތާއިދުކުރަމުން ޑޜ.ޖަމީލް ވިދާޅުވަނީ މިކަމަކީ ޤައުމެއްގައި ހުންނަވާ ވެރިޔަކަށް އެޤައުމަކަށް ދެވޭނެ އެންމެ ބޮޑު ގެއްލުން ކަމަށާއި ރައީސް ނަޝީދުގެ ރުހުން ހޯދުމަށް ސަރުކާރުން ނުވަތަ އަމީރު މަސައްކަތް ކުރަންވީ ރައީސް ނަޝީދު އުގަށް ވެއްޓިގެން ނޫންކަމަށެވެ.
ޖަމީލް އިތުރަށް ފާހަނގަކުރެއްވި ގޮތުގައި 2 ހައުސިން އެލަވަންސްދީ ހޮޓެލްޖެންގައި ބޭފުޅުން ބޭތިއްބުމަކީ ދައުލަތުން ކުރަމުން އަންނަ ބޭކާރު ޚަރަދެއް ކަމަށާއި މިފަދަ ޚަރަދުތައް ހުއްޓާލައިގެން ނޫނީ ރާއްޖޭގެ އިޤްތިސާދު ރަނގަޅު ނުވާނެ ކަމަށެވެ. އަދި މިފަދަ ކަންތައް މިހާރުން މިހާރަށް ހުއްޓާލަން ޖަމީލްވަނީ ގޮވާލާފައެވެ.
ބަލަންވީ 2 ހައުސިން އެލަވަންސް ނަގަމުން ހޮޓެލް ޖެންގައި ބެހެއްޓުން ފަދަ އިސްރާފު ހުއްޓުވައި އަމިއްލައަށް އަމިއްލަ ކަންކަން ކުރެވޭތޯ. ނޫނީ ވާހަކަ ގިނަ ނުކޮށް އިސްތިއުފާ ދެއްވާ. 2/2 pic.twitter.com/u8nCw1oS4K
— Mohamed Jameel Ahmed (@MJameelAhmed) October 18, 2021
ޖީއެމްއާރު އަތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އަތުލައިގަތުމާއި ބެހޭގޮތުން އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެއަރޕޯޓު އަތުލުމުގެ ސަބަބުން ރާއްޖެއިން 270 މިލިއަން ޑޮލަރު ދައްކަން ޖެހުނުކަމަށާއި އެއަރޕޯޓު ނުހެދި ޓޫރިޒަމް ސިނާއަތުގެ ކުރިއެރުމަށް ހުރި ހުރަސްތައް ގިރާކުރުމަށް އޭރުގެ ސަރުކާރަށް ދެން ޖެހުނީ ބަޖެޓުން އެއަރޕޯޓް މަޝްރޫއަށް ފައިނޭންސް ކުރަންކަމަށެވެ. އަދި އޭގެ ސަބަބުން 7އަހަރުވެގެން ދިޔައިރުވެސް އެއަރޕޯޓްގެ މަސައްކަތް ނުނިމި ޓޫރިޒަމް އާމްދަނީއިން 13.2 ބިލިޔަން ޑޮލަރުގެ ގެއްލުމެއް ލިބިފައިވާކަން އަމީރުގެ ޓްވީޓުގައި ފާހަނގަކުރެއްވިއެވެ.