ބޯވަ ނަގަން ގޮސް އުޅުނު މީހަކު އޮޔާ ދަނިކޮށް އެމްއެންޑީއެފުން ސަލާމަތްކޮށްފިއެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ، އެކަނި ބޯވަ ނަގަން ގޮސްއުޅުނު މީހަކު މާލެ އުސްފަސްގަނޑާ ދިމާލުން އޮޔާ ގޮސްފައިވާ ކަމަށާއި، އެމީހާ ފެނިފައިވަނީ ވާދޫ ކަނޑުގެ ތެރޭގައި ފަތަމުން ދަނިކޮށް އެސަރަހައްދުން ދަތުރުކުރި ބަޔަކަށް ކަމަށެވެ.
އޭނާ މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ. އޭނާގެ ހާލަތާއި ގުޅޭ އިތުރު ތަފްސީލެއް ލިބިފައި ނުވާކަމަށެވެ.
“ވިސްނާލުމެއް ނެތި ކުރާ ކަމަކުން ފުރާނައަށް ނުރައްކާވާ ހާލަތަށް ހުށަހެޅިގެން ދިއުމަކީ ނުހަނު ކައިރީގައިވާ ކަމެއް. ވީމާ ތިމާއާ އަނެކާގެ ސަލާމަތާ ރައްކާތެރިކަމަށް ސަމާލުކަންދީ، ފަރުދީ ޒިންމާ އަދާކުރުމަށް އިލްތިމާސް ކުރަން.” އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ މިދުވަސްވަރަކީ ވަރަށް ކަނޑުގަދަ ވިއްސާރަ ދުވަސްވަރަކަށް ވުމުން ކަނޑު ދަތުރުފަތުރު ކުރުމުގައި އަދި ކަނޑާ ގުޅުން ހުރި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކުންވެސް ސަލާމަތާ ރައްކާތެރިކަމަށް އިސްކަން ދިނުމަށެވެ.