ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ދެމުން އަންނަ ޚިދުމަތްތަކާއި މެދު ގިނަ އަދަދެއްގެ ރައްޔިތުން ހިތްހަމަ ނުޖެހި ސޯޝަލް މީޑިޔާގައި މީގެ ކުރިންވެސް ޚިޔާލު ފާޅުކޮށް ޝުއޫރު ސޯޝަލް މީޑިޔާގައި ހާމަކޮށްފައިވާއިރު، އިއްޔެ ނިޔާވި ތުއްތު ކުއްޖާގެ ބައްޕަ، އިހްމާލުވުމުގެ ސީރިއަސް ތުހުމަތުތަކެއް, އެ ހޮސްޕިޓަލުން ދެމުންއަންނަ ޚިދުމަތާއި މެދު ވަނީ އުފައްދާފައެވެ.
އިއްޔެ ހެނދުނު ތިނަދޫ ކޮވިޑް ފެސިލިޓީގައި ނިޔާވި 3 މަހުގެ ތުއްތު ކުއްޖާ ނިޔާވެފައިވަނީ ކޮވިޑް ބަލީގައި ނޫންކަމަށާއި، ދަރިފުޅު ނިޔާވެފައިވަނީ 100 އިންސައްތަ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް އެކުއްޖާގެ ބައްޕަ ބުނެއެވެ.
ފޭސްބުކްގައި އެކުއްޖާގެ ބައްޕަ ޖަހާފައިވާ ޕޯސްޓުގައި ބުނެފައިވަނީ، އިއްޔެރޭ ފަތިހުގެ ވަގުތެއްގައި ކުއްލިއަކަށް ދަރިފުޅު މާގަދައަށް ބޭރަން ހިންގަން ފެށުމާއެކު އެމަރޖެންސީކޮށް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގުޅައި ހާލަތު އަންގާފައިވާ ކަމަށާއި، އެމްބިއުލާންސް ފޮނުވުމަށް ފަތިހު 4 ޖެހިއިރު ގުޅުމުން ހޮސްޕިޓަލްގެ ފަރާތުން، އެމްބިއުލާންސް ފޮނުވަނީ ކަމަށް ބުނެފައިވާ ކަމަށެވެ.
ބައްޕަ ބުނެފައިވާގޮތުން، އެމީހުން ދިރިއުޅޭގެ ހުންނަނީ ހޮސްޕިޓަލާ ވަރަށް ކައިރީގައި ކަމަށް ވުމުން އެމްބިއުލާންސް އައުން ލަސްވުމުން އަނެެއްކާވެސް ގުޅައި އަމިއްލައަށް ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށް ދާ ވާހަކަ ބުނި ކަމަށާއި، ނަމަވެސް ހޮސްޕިޓަލުން އެންގީ އެ އާއިލާއަކީ ކޮވިޑް ޖެހިފައި ތިބި އާއިލާއެއް ކަމަށާއި ދަރިފުޅު ގެންދަން ޖެހޭނީ ކޮވިޑް ފެސިލިޓީއަށް ކަމަށެވެ.
“އެގަޑީގައި ބުނިން ކޮވިޑް ޓެސްޓުކޮށް ޕޮޒިޓިވްވި ފަހުން 16/18 ދުވަސް ވެއްޖެ ކަމަށް. އެންމެންވެސް ރަނގަޅުވެފައޭ މިތިބީ. އަމިއްލައަށް ދަރި އުރާލައިގެން ހޮސްޕިޓަލަށް ދާން އެދުމުންވެސް ބުނީ ހޮސްޕިޓަލް އަށް ގެނަޔަސް ޑޮކްޓަރު އެޓެންޑު ނުވާނެ ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށް. ކުޑަކުދިންގެ ޑޮކްޓަރު އަންނަނީ ހެނދުނު 8 ޖަހާއިރުގައޭ.” ކުއްޖާގެ ބައްޕަ ހަމީދު ބުނެފައިވެއެވެ.
އޭގެ ފަހުންވެސް ދެގަޑިއިރު ވެގެން ދިޔަ އިރުވެސް ހަބަރެއް ނުވެ ހެނދުނު 6:15 ގައި އެމްބިއުލާންސް ފޮނުވި ކަމަށާއި، ކޮވިޑް ފެސިލިޓީއަށް ގެންދިޔަ ފަހުންވެސް ފަރުވާ ނުދީ 1 ގަޑިއިރާއި ތިރީސް މިނެޓް ވެގެން ދިޔަ ކަމަށްވެސް ކުއްޖާގެ ބައްޕަގެ ޕޯސްޓުގައި ބުނެފައިވެއެވެ. އަދި ފެސިލިޓީގައި އެވަގުތު ޑިއުޓީގައި ތިއްބެވި ދެ ނަރުހުން އެއީ ކުޑަކުއްޖަކަށް ވުމުން އެކަމާ ހާސްވެގެން ހޮސްޕިޓަލް އަށް ގުޅާ ޑޮކްޓަރަށް ރިޕޯޓު ކުރަމުންދިޔަ ކަމަށްވެސް ބައްޕަގެ ޕޯސްޓުގައި ބުނެފައިވެއެވެ.
ފެސިލިޓީއަށް ދިޔަ ފަހުން ކަންތައް ވެގެންދިޔަ ގޮތް
- ހެނދުނު 7:40 ގައި ކުއްޖާގެ ހަބަރު ހުސްވެ ނޭވާލުން ހުއްޓާލުން
- ކުއްޖާ ނިޔާވިފަހުން 7:43 ގައި ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމެއް އެމަރޖެންސީކޮށް އެޓެންޑް ވާން އައި (އޭރު މާ ލަސްވެއްޖެ)
- ހެނދުނު 9 ޖެހިއިރު ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމުން މަރުވެފަ އޮތް ކުއްޖާގެ ބޮޑީ ސްކޭނެއް ހެދުމަށް ރިކުއެސްޓު ކުރި
- 10:11 ގައި އެޗްޕީއޭއިން ގުޅާފައި އާއިލާގެ އެންމެން ތިބީ ކޮވިޑް ބަލިން ފަސޭހަވެފައި ކަމަށާއި، މިހާރު ކަރަންޓީނު އުވާލާފައިވާ ކަން އަންގާފައިވުން
- 11:12 ގައި ހޮސްޕިޓަލްގެ ފަރާތުން، އާއިލާއިން ބޭނުންވާނަމަ މޫނުދެއްކުމަށް ގެއަށް ގެންދިއުމުގައި މައްސަލައެއް ނެތް ކަމުގައި ބުނުން.
ތުއްތު ކުއްޖާގެ ބައްޕަ ބުނެފައިވާގޮތުން، ދަރިފުޅު ދުނިޔޭގައި ހުއްޓާ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ނުވައްދައި، ފެސިލިޓީއަށް ގެންދިއުމަށް ފަހުވެސް މަރުވަންދެން ފަރުވާ ނުދީ ދެން އޭގެ ފަހުން ސްކޭންތަކެއް ހެދުމަށް ހޮސްޕިޓަލަށް ނުގެންދެވޭނެ ކަމަށެވެ.
ތުއްތު ކުއްޖާއަށް ފަރުވާ ދިނުމަށް ދެކޮޅު ހެދި ޑޮކްޓަރު ސަސްޕެންޑް ކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. މިފަދަ ކަންކަމުގައި ސިއްޚީ ޚިދުމަތް ދޭފަރާތްތަކުގެ އިޙްމާލެއް ވާނަމަ އެކަން ބަލައި ފިޔަވަޅު އަޅަންޖެހެއެވެ. ސިއްޚީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނަކީ ރައްޔިތުންނަށް އިތުބާރު ހިފޭ، އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށްދެވޭ ތަންތަނަށް ވުން ވަރަށް މުހިންމެވެ.
ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ދޭ ޚިދުމަތްތަކާއިމެދު ހިންހަމަ ނުޖެހިގެން މީގެ ކުރިންވެސް ތިނަދޫ ބައެއް ރައްޔިތުން ސޯޝަލްމީޑިޔާގައި ޝުއޫރު ފާޅުކޮށް އަޑުއުފުލާފައިވެއެވެ. ނަމަވެސް ދެވޭ ޚިދުމަތްތަކުން ވެވޭ އިހްމާލުން، ތުއްތު ކުދިންގެ ފުރާނައިން އަގުއަދާކުރާތަން ބަލަން ތިބުމަކީ ރައްޔިތުންނަށް ކެތްވާނެ ކަމެއް ނޫނެވެ.
މި ސަރުކާރުން ނުކުރާނެ ތިކަހަލަ ކަމެއް. ތިވާނީ ކުރީ ސަރުކާރުގެ ކަމަކަށް. ދެލޯފުޅާ. ގަބޫލުކޮށްބަލަ ތިނޫންކަމެއް މިއަދު ކޮބާ؟
ޭޔސުުު