މާކާނާގެ އާއިލާއަށް ނިސްބަތްވާ ގުޑުގުޑާ ދޫނި (ފްލެމިންގޯ) ހިފައި ވިއްކާ ހަދާނަމަ، ހިފާ މީހާގެ އިތުރުން ގަންނަ މީހާ އަށްވެސް ފިޔަވަޅު އަޅާނެކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އަންގައިފިއެވެ.
މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން އެކި ވައްތަރުގެ ދޫނިތައް ދަނީ ރާއްޖެއަށް ހިޖުރަކުރުމުންނެވެ. އެގޮތުން ހއ.ފިއްލަދޫ އަދި އެއަތޮޅު ބާރަށުންވެސް ވަނީ ގުޑުގުޑާ ދޫނީގެ އައިނުތަކެއް ފެނިފައެވެ. މީގެ އިތުރުން ހދ.ކުޅުދުއްފުށީ ކުޅިންވެސް ގުޑުގުޑާ ދޫނީ ވަނީ ފެނިފައެވެ.
ދޫނި ވިއްކާ ގްރޫޕެއްގައި ގުޑުގުޑާ ދޫންޏެއް 30 ހާސް ރުފިޔާއަށް ވިއްކާ ކަމަށް ޖަހާފައި އޮތުމުން އީޕީއޭ އިން ދަނީ ފުލުހުންނާއި ގުޅިގެން މިމައްސަލަ ބަލަމުންނެވެ. މިދުވަސްވަރު ރާއްޖެއަށް ހިޖުރަކުރާ ދޫނިތައް ހިފައި ހައްޔަރުކޮށް ވިއްކާ ހެދުމަކީ މަނާކަމެއްކަން އީޕީއޭއިން ވަނީ މީގެކުރިންވެސް އަންގާފައެވެ.
އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ދޫނި ގަންނަ މީހުންނަށްވެސް އެއީ މަނާ ކަމެއްކަން އެގެންޖެހޭ ކަމަށާއި އީޕީއޭގެ ޤަވައިދާ ޚިލާފަށް އަމަލުކުރާނަމަ ބޮޑުއަދަދަކުން ޖޫރިމަނާ ކުރެވިގެންދާނެކަމަށެވެ. އެގޮތުން އެއް ދޫނި ނަމަ 20 ހާސް ރުފިޔާ އެއަށް ވުރެ އިތުރުވާ ނަމަ އިތުރުވާ ކޮންމެ ދޫންޏަކަށް 25ހާސް ރުފިޔާ އަދި ހިމާޔަތްކޮށްފައިވާ ދޫންޏެއް ނަމަ އިތުރުވާ ކޮންމެ ދޫންޏަކަށް 10ހާސް ރުފިޔާއަށް ޖޫރިމަނާ ކުރެވޭނެކަމަށް ނައީމް ވިދާޅުވިއެވެ.
މައްސަލައަކީ މީ ރާއްޖެތެރޭ މީހުން ވިއްކާތީ. މާލޭގަ ފިހާރަތަކުގަ ބެހެއްޓީމަ ތިމާވެއްޓަށް ލިބޭ ގެއްލުމެއް ނޯންނާނެ. އެމީހުން ވިޔަފާރި ކުރާ ފައިގަ ޗޭނުޖަަހައިގެން ގެންގުޅޭ ދުނިޔޭގެ އެންމެ އެންޑޭންޖާޑު ޕެރަޓްތައް މަނާ ކުރާކަށްވެސް ނުކެރޭނެ.